top of page
Search

"ދި އޯލްޑް މޭން އެންޑް ދަ ސީ" - އާރނެސްޓް ހެމިންގްވޭގެ ގަލަމުން

Updated: Jul 18

އާރނެސްޓް ހެމިންގްވޭ 1952 ވަނަ އަހަރު އޭނާ ލިޔުނުފޮތް "ދި އޯލްޑް މޭން އެންޑް ދަ ސީ" ގެ މަތިން އަހަރެން ކުއްލިއަކަށް ހަނދާންވެއްޖެއެވެ. ހެމިންގވޭގެ 125 ވަނަ އުފަންދުވަހާ ގުޅުވައި މިވާހަކަ އާއި ބެހޭގޮތުން ވިސްނާލަމާ ހިނގާށެވެ. މިއީ ދިވެހި ދިރިއުޅުމާއި، ސަގާފަތާ ވެސް ވަރަށް ގުޅޭވާހަކަ އެކެވެ.

 

ސަންޓިއާގޯގެ މުޅި އުމުރު ހޭދަކުރީ މަސްވެރިކަމުގައެވެ. ކިއުބާގެ އައްސޭރި ފަށުގެ ކަނޑުގައި އޮންނަ ވަރުގަދަ ގަލްފް ސްޓްރީމް އޮއިގަނޑުގައި އެކަނިމާއެކަނި މަހަށް ނުކުމެ އެހެން މަސްވެރިންނަށް ވުރެ މާގިނައިން މަސްބޭނިއެވެ. ހުރިހާ މަސްވެރިންނާއި މުޅިރަށުގައި އޭނާގެ ހުނަރާއި، ހިތްވަރުގެ ވާހަކަ ވަރަށް މަޝްހޫރުވިއެވެ.

 

އެހެންނަމަވެސް އަހަރުތައް ފާއިތުވަމުންގޮސް ސަންޓިއާގޯ ވެސް މިހާރު މުސްކުޅި ވެއްޖެއެވެ. އެއް އިރެއްގައި މަސްވެރިކަމުގައި އޭނާގެ ނަސީބު ކިތަންމެ ރަގަޅަސް މިހާރު އުމުރުން ދުވަސްވެ، ލޯ ބޯ ކޮށިވެ، ސަންޓިއާގޯ މަސްވެރިކަމުގައި ހޯދާފައިވާ އެންމެ މަތީމަގާމު ގެއްލިއްޖެ ކަހަލައެވެ.  ވާހަކައިގައި ސަންޓިއާގޯ އަލުން މަހަށް ނުކުންނަނީ އޭނާގެ ހުނަރާއި ފަންވަރު އަލުން ދައްކާލައި، އޭނާގެ ގެއްލެމުންދާ ނަމާއި ގަދަރު އަލުން އާލާކުރުމަށެވެ.

 

މަހެއް ނުބާނާތާ އަށްޑިހަ ހަތަރު ދުވަސް ވެގެން ސަންޓިއާގޯގެ ހިތުގައި އެކަހެރިކަމާއި ފަޅުކަމުގެ އިހުސާސް އުފެދެއެވެ. އޭނާއާއެކު މަހަށްނުކުންނަ ފަޅުވެރި ކުއްޖަކަށް އުޅޭ  މެނޮލިން ވެސް އެންމެ ފަހުން މުސްކުޅި ސަންޓިއާގޯގެ ކުޑަ ދޯނި ދޫކޮށް، އެއަށްވުރެ ތަނަވަސް އޮޑިއަކާ ގުޅެއެވެ. އޭނާ އެންމެ ގަޔާވާ ފަޅުވެރި ކުއްޖާ އޭނާ ދޫކޮށް ދިޔަ ނަމަވެސް، ސަންޓިއާގޯ އަޒުމް ކަނޑައެޅީ ކުރިއަށްދާށެވެ. ކެތްތެރިކަމާއި، އޭނާގެ ތަޖުރިބާއާއި، ކަނޑު އޭނާއަށް އިނގޭލެއްބޮޑު ކަމުންނާއި އެކު، ފަސްނުޖެހޭ އުއްމީދަށް ބަރޯސާވެގެންނެވެ.

 

ފަތިހު ފަތިހާ ސަންޓިއާގޯ އޭނާގެ ކުޑަ ދޯނީގައި ގަލްފް ސްޓްރީމްގެ ތެރެއަށް ނުކުމެއްޖެއެވެ. މަޑުމަޑުން އޭނާގެ ނަނު ދޫކޮށްލައެވެ. ހަމަ ކުއްލި އިހުސާސް އެކެވެ. ނަނުގައި އެއްޗެއް ޖެހިއްޖެއެވެ. ނަނުގައި ޖެހިފައިއޮތީ ބޮޑު މާސިންގާ މަސްހިބަރެއްކަން ސަންޓިއާގޯ އަށް އިސާހިތަކު ވިސްނެއެވެ. އެންމެ ބޮޑު ހިބަރު ބޭނުމަކީ އޭނާ އެތައް ދުވަހެއް ވަންދެން ކުރަމުންއައި އިންތިޒާރެކެވެ. މުޅި ހަޔާތުގެ އެންމެ ބޮޑު އެދުމެވެ.

 

ވާހަކަ ކުރިޔަށްދާއިރު ހިބަރުގެ ބިޔަކަމާއި، ވަރުގަދަ ކަމާއި، ސަންޓިއާގޯގެ ދުވަސްވެ، ގައިބާރު ދޫވެފައިވާ ހަށިގަނޑުގެ ބަލިކަށިކަމާއި ދެމެދުކުރެވޭ ދިގު ހަނގުރާމައަކަށް ބަދަލުވެއެވެ. އިންސާނީ ހަޔާތުގެ ދިރިހުރުމާއި ގުދުރަތާ ދެމެދު ހިނގާ އިޚްތިޔާރުތަކުގެ ނިމުމެއްނުވާ ހަނގުރާމަ އަދަބިއްޔާތުގެ އެންމެ ފުރިހަމަ ގޮތުގައި ހެމިންގްވޭގެ ގަލަމުން ބަޔާން ކޮށްދެއެވެ. ސަންޓިއާގޯ ގައިބާރު ދޫވެ ކިތަންމެ ބަލިކަށިވެފައި ވިޔަސް އޭނާގެ ގަދަ ހިތްވަރުން މާސިންގާ ބިޔަ މަސްހިބަރުގެ ގަދަފަދަ ކަމާއި ކުރިމަތި ލައެވެ. ދޫ ކުރަމުން، ވާންކުރަމުން، އިންތިހާއަށް ވަރުބަލިކަން އިހުސާސް ކުރެވުނު ނަމަވެސް ކެތްތެރިކަމާއި އެކު ހިފަހައްޓައި،  ދޫކޮށްލަން ދެކޮޅު ހަދައެވެ. އަދި އެންމެ ފަހުން ކާމިޔާބު ހޯދައެވެ.

 

އެނބުރި އައްސޭރިފަށަށް ކުރާ ބުރަ ދަތުރުގައި، ސަންޓިއާގޯ އޭނާގެ ދިރިއުޅުމާއި، ކަނޑާ އޮންނަ ގުޅުމާއި، ދިރިއުޅުމުގެ އަސާސީ ހަގީގަތްތައް ދެނެގަތުމާ މެދު ވިސްނައި، އޭނާގެ އަމިއްލަ ނަފްސާ ވަރަށް ގިނަ ސުވާލު ތަކެއް ކޮށް ވަރަށް ދިގު ބަހުސެއްކުރެއެވެ.  ހެމިންގްވޭ ލިޔުންތެރިކަމުގެ ހުނަރުން ސަންޓިއާގޯގެ ޝަޚުސަށް ފުންކަން އިތުރުވެ، ކިޔުންތެރިންނަށް އިންސާނީ ރޫހާއި، ނުކުރެވޭފަދަ ބޮޑެތި ކަންކަމާ ކުރިމަތިލާއިރު ހުންނަ އާދަޔާ ޚިލާފު ކެތްތެރިކަމުގެ ފުން ވިސްނުން ގެނުވައެވެ. ސަންޓިއާގޯ އާއި، ބިޔަ މަސްހިބަރާއި ދެމެދު ހިނގާ ހަނގުރާމައިގައި، އޭނާ އާއި ހިބަރާއި އެކު ތަފާތު ގުޅުމެއް އުފެދެއެވެ.  އެ ބިޔަ މަހުގެ ދިރިއުޅުމާއި މަރާއި ދެމެދު ކުރާ ހަނގުރާމައަށް ސަންޓިއާގޯގެ ހިތުގައި ޝުކުރުވެރިކަމާއި ހަމްދަރުދީ އިހުސާސް ކުރެވެ އެވެ. މި ގުޅުމަކީ އިންސާނުންނާއި ގުދުރަތާ ދެމެދު އޮންނަ ފުން ގުޅުމުގެ މިސާލެއްކަން ބަޔާން ކޮށް ދެއެވެ.


ސަންޓިއާގޯގެ މި ބޮޑު ކާމިޔާބަކީ ހިނދު ކޮޅެއްގެ ކާމިޔާބަކަށް ވާއިރު، އޭނާއަށް ދެން ކުރިމަތިވަނީ ވަނީ އަދި މާ ބޮޑު ގޮންޖެހުމެކެވެ.


އޭނާ ފަޅުތެރެއާ ކައިރިވަމުން ދިޔައިރު ހިބަރުގެ ލެއަށް އެރި ބޮޑެތި މިޔަރުތަކެއް ސަންޓިއާގޯގެ ކުޑަދޯނި ވަށާލައެވެ. ހިބަރު ބޮޑުކަމުން ދޯންޏަށް ނުލެވޭތީ އޮތީ ދޯނީގައި ކަފު ޖަހާފައެވެ. މިޔަރުތަށް ހިބަރާއި ގާތްވެއްޖެއެވެ. ސަންޓިއާގޯ އޭނާގެ މުޅިހަޔާތުގައި ބޭނުނު އެންމެ ބިޔަ މަސް ރައްކާތެރި ކުރުމަށްޓަކައި މިޔަރުތަކާ ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރެ އެވެ. މި ހަނގުރާމައަކީ ގުދުރަތުގެ ބަދަލުނުކުރެވޭ ހަގީގަތް ތަމްސީލުކޮށް، ސަންޓިއާގޯގެ ކެތްތެރިކަމާއި ހިތްވަރު އޭގެ އެންމެ މަތީ ހައްދަށް އިމްތިހާނުކުރާ ހަނގުރާމައެކެވެ.


ރަށަށް ލެފުނު އިރު އެ ބިޔަ ހިބަރުގެ މަސްގަނޑު އޮތީ އެއްކޮށް މިޔަރު ކައި ހުސްކޮށްފައެވެ. އެހެންނަމަވެސް ބޮޑު މާސިންގާ ހިބަރު ކަށިގަނޑަކާއި އެކު ރަށަށް ލެފުމުން އެހެން މަސްވެރިންގެ މެދުގައި އޭނާއާއި މެދު ގޮތްނޭންގޭ ބިރަކާއި އިހުތިރާމްގެ އިހުސާސެއް އުފެދިގެންދެއެވެ. އޭނާގެ ބިޔަ ހިބަރުން މުސްކުޅި މީހާގެ އަޒުމާއި ހިތްވަރު ފެނި ޒުވާން ފަޅުވެރި ކުއްޖާ މަނޯލިންގެ ސަމާލުކަން ސަންޓިއާގޯ އަލުން ދަމައިގަނެއެވެ.


"ދި އޯލްޑް މޭން އެންޑް ދަ ސީ" އަކީ އިންސާނާގެ ކެތްތެރިކަމާއި، އިންސާނާއާއި ގުދުރަތާ ދެމެދު އޮންނަ ގުޅުމާއި، ނަފްސުގެ ބޮޑާކަމުގެ ގޮށްޖެހުންތަކާއި، އަދި ދިރިހުރުމުގެ ގޮންޖެހުންތައް ވެސް ވަރަށް ފުރިހަމައަށް ފަލްސަފާވެރިކޮށް ބަލައިލާފައިވާ މާނަފުން މަސައްކަތެކެވެ. ހެމިންގްވޭގެ އިބާރާތް ތަކާއި، މަޖާޒީ ބަސްތަކުން ކިޔުންތެރިންނަށް އިންސާނީ ވުޖޫދުގެ އަޑިއަށް ވަދެ، އިންސާނީ ހާލަތުގެ ޖާދޫއާ މެދު ވިސްނާލަން މަޖުބޫރު ކުރުވައެވެ.


ފޮތް ޝާއިއުކުރެވުނުތާ ހަތްދިހަ އަހަރު ފަހުންވެސް "ދި އޯލްޑް މޭން އެންޑް ދަ ސީ" އަކީ އެ ފޮތުގެ ޖާދޫ ފަނޑުނުވާ، އެތައް ޒަމާން ތަކަކަށް ދެމިގެންގޮސްފައި ވާ މަގުބޫލު ފޮތެކެވެ.  ދިރިހުރި ތަސްވީރުތަކާއި، ފުން ކެރެކްޓަރ އަކުން ކިޔުންތެރިންގެ ހިތްދަމައިގަންނަ ދެގޮތެއްނުވާ އަދަބީ މާސްޓަރޕީސްއެކެވެ. ވަގުތާއި ސަގާފަތްތައް ފޫއަޅުވާލާފައިވާ މޮޅު ފޮތެކެވެ.

 

Comments


bottom of page