top of page
Search

އިބްން ޚަލްދޫން

1332ވަނަ އަހަރު ޓިއުނިސްގައި ދުނިޔޭގެ އަލިކަން ދެކެވަޑަޑައިގެންނެވި އިބްން ޚަލްދޫން (أبو زيد عبد الرحمن بن محمد بن خلدون الحضرمي) އަކީ ތާރީޚު އިލްމާއި، ސޯޝިއޮލޮޖީއާއި، އިޤްތިޞާދާއި، ޑިމޮގްރަފީ ފަދަ ގިނަ އިލްމު ތަކެއްގައި މުޅިދުނިޔޭންވެސް ފާހަގަކޮށްލެވޭ އިލްމުވެރިއެކެވެ. ވަކިން ޚާއްސަކޮށް މިޒަމާނުގެ ތާރީޚު އިލްމާއި ސޯޝިއޮލޮޖީގެ ބިންގާ އެޅުއްވި އެ ދެފަންނުގެ ބައްޕަ ކަމުގައި ދުނިޔެ ބަލައިގެންފައިވާ ބޭފުޅެކެވެ. 

 

އިބްން ޚަލްދޫންގެ އެންމެ ފާހަގަކޮށްލެވޭ އޭނާގެ "މެގްނަމް އޯޕަސް" އަކީ "މުޤައްދީމާ" އެވެ. އެފޮތަކީ ދުނިޔޭގެ ތާރީޚު ފުރޮޅެމުންދާގޮތުގެ އިލްމީ ތަޢާރަފެކެވެ. ފޮތުގައި އިބްން ޚަލްދޫން ވަނީ އަސަބިއްޔާ (އިޖުތިމާޢީ އެއްބައިވަންތަކަން) ގެ ދައުރާއި، ޙަޟާރަތްތައް އުފެދުމާއި ވެއްޓުމުގެ ޤުދުރަތީ ދައުރާއި، ޖިއޮގްރަފީއާއި، އިޤްތިޞާދާއި، އިޖުތިމާޢީ އޮނިގަނޑުގެ ގުޅުން ހިމެނޭ ގޮތަށް، މުޖުތަމަޢުތަކުގެ ތަރައްޤީ ހިނގާ ގޮތާއި ބެހޭގޮތުން އޭނާގެ ކުރިން އެއްވެސް އިލްމުވެރިޔަކު ލިޔެފައި ނުވާ އޮރިޖިނަލް ވިސްނުންތަކެއް ހިމަނުއްވާފައެވެ.

 

އެފޮތުގައި ހިމަނުއްވާފައިވާ ތާރީޚީ މަޞްދަރުތައް ބަލައިގަންނަގޮތާއި، އެތަކެއްޗަށް ފާޑުކިޔައި ވަޒަންކުރުމުގެ އުސޫލާއި، ތާރީޚަށް ނުފޫޒު ފޯރުވާ އިޖްތިމާޢީ އިޤްތިޞާދީ ކަންތައްތަކާ ބެހޭގޮތުން އޭނާގެ ވިސްނުންފުޅުތަކަކީ އިންޤިލާބީ އުސޫލުތަކެކެވެ.

 

އަންދަލުސް (މިހާރުގެ ސްޕެއިން)ގެ އަރަބި ނަސްލުގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ އިބްނު ޚަލްދޫން އަކީ ކުޑައިރުއްސުރެ ތައުލީމީ ދާއިރާގައި ފުންކޮށް ޝާމިލުވެވަޑައިގެން އިސްލާމީ، ދީނީ ޢިލްމުން ފެށިގެން ހިސާބާއި ސައެންސްގެ ގިނަ މާއްދާތަކެއް ކިޔަވާވިދާޅުވި ތޫނުފިލި ބޭފުޅެކެވެ.

 

އޭނާގެ ހަޔާތަކީ އުތުރު އެފްރިކާއާއި މެދުއިރުމައްޗަށް ފުޅާދާއިރާއެއްގައި ދަތުރުކުރައްވައި އިލްމީ، އިޖްތިމާއީ އަދި ސިޔާސީ ހަރަކާތްތަކުން ފުރިފައިވާ ވާހަކައެކެވެ. އޭނާގެ ދަތުރުފުޅު ތަކުގައި ގިނަ ސިޔާސީ ހަމަނުޖެހުން ތަކެއްގައި ވެސް ތާށިވިއެވެ. މިސްކިތްތަކުގައި ކިޔަވައިދެއްވުމުން ފެށިގެން އިސްލާމީ އުއްމަތުގެ އެކި ހިސާބުތަކުގެ ވެރިންގެ ސިޔާސީ މުޝީރުކަމާއި، ޑިޕްލޮމެޓެއްގެ ރޯލުގެ އިތުރުން އެހެނިހެން މަގާމުތަކުގައި އޭނާ އުޅުއްވިއެވެ.  އޭނާގެ ހަލަބޮލި ހަޔާތުގައި ޖަލުގައި ހޭދަކުރެއްވި ދުވަސްވަރުތަކާއި ބޯޓު ފަރަށް އެރުމުން އާއިލާ ގެއްލުން ފަދަ ބޮޑެތި މުސީބާތްތައް ވެސް ކުރިމަތިވެވަޑައިގަތެވެ.

 

 

އިބްން ޚަލްދޫން 1406 ވަނަ އަހަރު ޤާހިރާގައި އަވަހާރިވިތާ 600 އަހަރަށް ވުރެ ގިނަދުވަސް ވީއިރުވެސް އޭނާގެ ތަރިކަ ދުނިޔެދުއް އެންމެ ފުން އިލްމީ ތަރިކަ ތަކުގެ ތެރޭގައި ހިމެނެއެވެ. ސޯޝިއޯލޮޖީއާއި ތާރީޚު ލިޔުމުގައި މުޅިން އާ ނަޒަރިއްޔާތަކެއް އޭނާ ދޫކުރެއްވިއެވެ. އިލްމީ އޮނިގަނޑުތަކެއް އެކުލާވާލެއްވިއެވެ. އޭނާގެ މި މަސައްކަތްޕުޅުން އިންސާނީ މުޖުތަމަޢާއި، ތަރައްޤީއާއި، ތާރީޚު ދެނެގަތުމަށް ފާހަގަކޮށްލެވޭ، ތަޙުލީލީ ގޮތަށް ހުށަހަޅައިދެއްވާ، އޭނާގެ ޒަމާނުގެ އިލްމުވެރިންނަށް ވުރެން މާ ކުރިއަށް ވަޑައިގަތެވެ.

 

ޢައްބާސީ ޚިލާފަތުގެ ދުވަސްވަރުގެ އިސްލާމީ ޢިލްމުގެ ރަންޒަމާން ގުޅިފައިވަނީ 200 ވަރަކަށް އަހަރުގެ ތެރޭގައި މުޅި ދުނިޔޭގެ ކަންކޮޅުތަކުން ގެނެވުނު ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކޮށް ޢިލްމީ ޚަޒާނާ ދިރުވައި އާލާކުރުމަށް ކުރެވުނު މަސައްކަތުގެ މަށްޗަށެވެ. އެމަސައްކަތުގެ ނަތީޖާއަކީ ޢިލްމީ ހުރިހާދާއިރާއެއްގެ މުޅިދުނިޔޭގެ އެންމެ އުހަށް އިސްލާމީ އިލްމުވެރިންނާއި މުޖުތަމައު އަރައިގެން ދިއުމެވެ.

 

1258ވަނަ އަހަރު ޖެންގިޒް ޚާން އާއި އެނާގެ ތަތާރުންގެ ލަޝްކަރު ބަޣްދާދު ހިފައި ޢައްބާސީ ދައުލަތް ވެއްޓުމުން މީލާދީން ހަތްވަނަ ޤަރްނާއި ތޭރަވަނަ ޤަރްނާއި ދޭތެރޭގައި އޮތް އިސްލާމީ އިލްމުވެރިންގެ ރަންޒަމާނަށް އިރުއޮއްސުނެވެ.  މި މުއްދަތުގައި އުފެދުނު އިސްލާމީ އިލްމުވެރިން ހިމެނުނީ މުޅިދުނިޔޭގައި ވެސް ސައެންސާއި، ފަލްސަފާގެ އިތުރުން އާ ހޯދުންތައް ހޯއްދެވުމުގެ އެންމެ މަތީ ކުންނުގައެވެ.

 

އިސްލާމީ އިލްމުވެރިން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް މިދިޔަ 600 ވަރަކަށް އަހަރުގެ ތެރޭގައި ސައެންސާއި، ފިލޯސަފީ، ހިސާބު، ތަރީޚު، ޓެކްނޯލޮޖީ ފަދަ ހުރިހާ އިލްމުތަކެއްގައި ޔޫރަޕާއި އެމެރިކާގެ އިލްމުވެރިން ވަނީ މިހާރުގެ އިސްލާމީ އެއްވެސް ގައުމެއްގެ އިލްމުވެރިއަކަށް މިއިން ޒަމާނަކު ވެސް ނުދެވޭނެ ހިސާބުގެ ކުރިއެރުންތައް ހޯދާފައެވެ. ދުނިޔޭގެ މުސްލިމުންގެ ބޮޑު އާބާދީ އެތައް ސަތޭކަ އަހަރެއްގެ ގަދަ ނިންޖެއްގައި ނިދާފައި އޮތް ކަހަލައެވެ.

 

އިސްލާމީ ރަންޒަމާނުގެ އިލްމުވެރިންގެ ލިޔުންތަކާއި ވިސްނުންތަކަކީ ކޮބައިތޯ ހޯދާ ބަލާލައި، އިސްލާމީ އުއްމަތަށް ގެއްލުނު ބޮޑު އިލްމީ ތަރިކަ ގެއްލެން ދިމާވި ސަބަބު ތަކާއި މެދު ވިސްނާލައި ކުޑަކޮށް ކިޔާލަން ވަގުތު ހޯދާލުން ކިހިނެއް ވާނެ ބާވައެވެ؟

 

 
 
 

Comments


bottom of page