ކުދިކުދި ފޮތުގެ ބޮޑެތި ފިލާވަޅު: "ޖޮނަތަން ލިވިންގްސްޓަން ސީގަލް"
- Naim Ibrahim
- Jun 13
- 3 min read
Updated: Jul 10
ޖޮނަތަން އޭނާ އާއި އެކުއުޅޭ އެހެން ބޮޑުގާދޫނިތަކާއި ވަރަށް ތަފާތެވެ. އެހެން ބޮޑުގާދޫނިތައް އަރާރުމާއި، ކޫސަނި ޒުވާބު ތަކާއި، ކާއެއްޗިއްސަށް ތަޅާފޮޅުމުގައި ދުވަސްތައް ހޭދަކުރާއިރު ޖޮނަތަންގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އެންމެ މަށްޗަށް، އެންމެ ހަލުވިކޮށް އުދުހެން ދަސްކުރާށެވެ. އެންމެ ފުނަށް ފީނުމުގެ ހުނަރު ހޯދުމުގައެވެ. ދޫނި ބައިގައި ތިބި އެހެން ދޫނިތަކާ ޖޮނަތަން މާބޮޑަށްވެސް ތަފާތީއެވެ. ޖޮނަތަން ބޭނުންވަނީ ދަސްކުރާށެވެ. އުނގެނޭށެވެ. ހުނަރުވެރި ވާށެވެ. އެންމެނާ ތަފާތުވުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ކުރުވާ ކަމެކެވެ. އެހެންކަމުން މިކަހަލަ ހާލަތްތަކުގައި އެންމެ ފަހުން ނުވެ ނުދާނެ ގޮތް ވެއްޖެއެވެ. އެހެން ދޫނިތަކަށް ޖޮނަތަންގެ ވިސްނުމާއި އަމަލުތައް ހުރިގޮތް ހަޖަމު ނުކުރެވިގެން އޭނާ ދޫނި ބައިން ވަކިކޮށް ބޭރުކޮށްލައިފި އެވެ.

އެމެރިކާގެ ލިޔުންތެރިޔާ ރިޗަޑް ބާކް 1971 ވަނަ އަހަރު ލިޔުނު ފޮތް "ޖޮނަތަން ލިވިންގްސްޓަން ސީގަލް" (Jonathan (Livingston Seagull އަކީ ފުރަތަމަ ޗާޕު ކުރެވުމުންވެސް ހީނުކުރާ ވަރުގެ ކާމިޔާބެއް ކިޔުންތެރިންގެ ފަރާތުން ލިބުނު ފޮތެކެވެ. އަދަބިއްޔާތުގެ ލިޔުންތެރިންވެސް ހިއިރާންވާ ވަރަށް މިފޮތް މަގުބޫލުވިއެވެ. އެހެންނަމަވެސް ލިޔުންތެރިންގެ މެދުގައި މިފޮތަކީ މާ މަގުބޫލު ފޮތެއްނޫނެވެ. މީގެތެރެއިން ލިޔުންތެރިޔަކު ބުނިގޮތުން މިފޮތަކީ ކުޑަކުދިންގެ ފޮތެއް ނަމަވެސް ފޮތަށް ކުޑަކުދިންގެ މާބޮޑު ޝައުގުވެރިކަމެއް ނުލިބުމުން އެންމެ ފަހުން ފޮތް ވިއްކަން ހެޖުނީ ބޮޑެތިމީހުނަށެވެ. އެހެންނަމަވެސް ފަންސާސް އަހަރަށްވުރެ ގިނަދުވަސް ވީއިރުވެސް އަދިވެސް މިފޮތަކީ ކިޔުންތެރިންގެ ތެރޭގައި މަޝްހޫރު ފޮތެކެވެ. މި ލިޔުމުގައި މިބަލާލަނީ މިފޮތުގެ ވާހަކައިގެ މައްޗަށާއި، ފޮތް މަޝްހޫރުވާން ދިމާވި ސަބަބަށެވެ.
ޖޮނަތަން ދޫނި ގުރޫޕުން ބޭރުކުރުމުން އޭނާއާއި ބައްދަލުވަނީ މުޅިން އެހެން ކާއިނަތެއްގެ ދެ ބޮޑުގާދޫންޏާއެވެ. އެ ދެދޫނި ޖޮނަތަން ސިފަކުރަނީ އޭނާއަކީ 'މިލިއަނަކުން އެކެއް' ކަމަށެވެ. އެދޫނިތަކުގެ ދުނިޔޭގައި ޖޮނަތަންއާއި ދިމާވަނީ ވިސްނުމާއި، އުނގެނުމާއި، ފިކުރު އެންމެ މަތީ ފެންވަރަށް ފުރިހަމަ ވެފައިވާ 'ޗިއާންގް' ކިޔާ ވަރަށް މޮޅު ބޮޑުގާދޫންޏަކާއެވެ. ޗިއާންގް ޖޮނަތަންގެ އެދުރަކަށްވާން އެއްބަސް ވެއެވެ. ޖޮނަތަންއަށް ކާއިނާތުގެ ކޮންމެ ތަނަކަށްވެސް ހަމަ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުދުހެވޭނެގޮތް ކިޔާދީ، އެކަމުގެ އިލްމާއި ހުނަރު ލިބިގަންނާނެ ގޮތް ދަސްކޮށްދޭން ފަށައިގަނެއެވެ. ޗިއާންގް ކިޔާދޭ ގޮތުން "ފަށައިގަންނަން ވާނީވެސް ދާންބޭނުންވާ މަންޒިލަށް ފޯރައިފި ކަމުގެ މަފްހޫމާއި އެކީގައެވެ. ތިބާގެ ތަބީއަތް ދިރިހުރީ ނުލިޔެވޭފަދަ، ތަސައްވުރު ނުކުރެވޭފަދަ، ފުރިހަމަ ނަމްބަރެއްގައި، ހުރިހާތާކު، ހުރިހާ ވަގުތެއްގައި، އެކުއެކީ ވުޖޫދުވާ ގޮތުގައެވެ."
ޗިއާންގްގެ ކައިރިން ޖޮނަތަން ވަރަށް ރަގަޅަށް ދަސްކުރެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ހިތައްގެނެވޭ ކޮންމެ މަންޒިލަކަށް ދަތުރު ކުރުމަށް ޖޮނަތަން ދަސްކުރެއެވެ. އެހެންނަމަވެސް ދުވަސްކޮޅެއް ފަހުން ޖޮނަތަން އޭނާގެ ކުރީގެ އެކުވެރިންމަތިން ހަނދާންވެ އެދޫނިތަކާއި ދުރުގައި އުޅުމުގެ ނުތަނަވަސްކަން ބޮޑުވެ އެންމެ ފަހުން އެދޫނިތައް ގާތަށް ރުޖޫއަވެއެވެ. އަދި އޭގެ ތެރެއިން ބައެއް ދޫނިތަކާ ރައްޓެހިކަން އުފައްދައި އެދޫނިތަކުގެ ތެރެއިން ބައެއް ދޫންޏަށް ޖޮނަތަންއަށް ދަސްވެފައިވާ މޮޅަށް އުދުހުމުގެ އުކުޅުތަކާއި ހުނަރުތައް ދަސްކޮށްދެއެވެ. މިކަމުގެ ތެރޭން ޖޮނަތަންއަކީ އެދޫނިތަކުގެ އެންމެ މަތީ އުސްތާޒު ކަމުގައި އެދޫނިތައް ބަލައިގަނެއެވެ. އަދި އެންމެ ފަހުން ޖޮނަތަން މަރުވެ ދިއުމަށްފަހު ޖޮނަތަންގެ ކިބައިން އެދުރުވެ ދަސްވެނިވި ބައެއް ދޫނިތައް އެދޫނިތަކުގެ އަމިއްލަ ޒާތުގައި އުދުހުމުގެ ބޮޑެތި އުސްތާޒުންނާއި އެދުރުންނަށް ބަދަލުވެއެވެ. އަދި އެތައް ޒަމާނަކަށްދަންދެން އުދުހުމުގެ އެންމެ މަތީ ލޯބި ދޫނިތަކުގެ މެދުގައި ފަތުރައެވެ.
އެތައްޒަމާނަކަށް މިކަން ދިގުދެމިގެން ގޮސް އެންމެ ފަހުން ވާގޮތަކީ ދޫނިތަކުގެ މެދުގައި ޖޮނަތަންއާއި އޭނާގެ ގާތުން އެދުރުވި ފުރަތަމަ ޖީލުގެ ދޫނިތަކަށް އިހުތިރާމާއި އަދަބު ތައުޒީމު އަދާކުރުމަށް ވަރަށް ގިނަވަގުތު ހޭދަކުރަން ފަށުމެވެ. އެއިހުތިރާމު އަދާކުރުމުގެ ފާޑުފާޑުގެ ގޮތްތައް އީޖާދުކޮށް އިހުތިރާމާއި، ކުރުނީސް ކުރުން ބޮޑުވެ އެންމެ ފަހުން އެކަން އަޅުކަމަކަށް ބަދަލުވެއެވެ. އަދި ދޫނިތައް އުދުހުން ހުއްޓާލައި އަޅުކަމުގައި ގިނަވަގުތު ހޭދަކުރަންފަށައެވެ. މިގޮތުގައި ޒަމާންތަކެއްވުމަށް ފަހު އަނެއްކާވެސް ބައެއްދޫނިތަކަށް އުދުހުމުގެ މުހިންމުކަން އިހުސާސްވެ އަލުން އުދުހެން ފަށައެވެ. އުދުހުން އެއީ އޭގެ ޒާތުގައި ދޫނިތަކަށް އެންމެ އުފާލިބޭ ކަމެއްގެ ގޮތުގައި އިހުސާސް ކުރެވެއެވެ.
އަދަބިއްޔާތާއި ބެހޭގޮތުން ލިޔެ ހިޔާލުފާޅުކުރާ ބައެއް ލިޔުންތެރިން ދެކޭގޮތުގައި މިފޮތުގެ މަގުބޫލުކަން ބޮޑުވީ ފޮތް ނިކުތް ޒަމާނަކީ ހުޅަގުގެ މަޝްހޫރު ބައެއް ފަންނާނުންނާއި ލިޔުންތެރިން އިރުމަތީގެ ފަލްސަފާތަކާއި މުފައްކިރުންގެ ލިޔުންތަކާ ވާހަކަ ތަކަށް އާދަޔާ ހިލާފު ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ދުވަސްވަރަކަށް ވާތީއެވެ. ނަފްސުގެ ރޫހާނީ ދުޅަހެޔޮކަން ހާސިލުކުރުމަށް މާއްދިއްޔަތާއި ދުރުވެ، އިރުމަތީގެ އުސްތަޒެއްގެ ކިބައިން ރޫހާނީ ކަންކަން ދަސްކޮށް އުގެނުމުގެ އޮއިވަރެއް ހުޅަގުގައި އެދުވަސްވަރު ފެތުރިފައިވާތީއެވެ. މަޝްހޫރު ބޭންޑު "ބީޓްލްސް" މަހާރިޝީ މަހެޝް ޔޯގީގެ ގާތުން މެޑިޓޭޝަން އުނގެނުން، އެމެރިކާގެ ލިޔުންތެރިޔާ ކާލޮސް ކަސްޓަނޭޑާ "ޑޮން ޔުއާން" ގެ ފިލާވަޅުތައް ބަޔާން ކޮށްދިނުން، ޖަރުމަނު-ސުވިސް ލިޔުންތެރިޔާ ހާމަން ހެސްގެ ފޮތް 'ސިދާރްތާ" އަދި މަޝްހޫރު އެމެރިކަން-ލެބަނީޒް ޅެންވެރިޔާ/ފިލޯސަފަރު ކަލިލް ގިބްރާންގެ ފޮތް "ދަ ޕްރޮފެޓް" ކަހަލަ ފޮތްތަކުން އިރުމަތީގެ ފަލްސަފާއާއި ހިޔާލުތަކަށް އުފެދުނު ބޮޑު ޝައުގުވެރިކަމުގެ އޮއިވަރު ފާހަގަ ކުރެވެއެވެ.
މިފޮތަށް ފަންސާސްއަހަރު ވީއިރު ތަފާތު އެކިގޮތްގޮތަށް ފޮތާއި ފޮތުގެ މުސައްނިފާއި މެދު ހިޔާލު ފާޅުކުރެވިފައިވީ ނަމަވެސް މިފޮތަކީ އަދިވެސް ގިނަބަޔަކަށް ކަމުދާ ފޮތެކެވެ. އެމީހަކު އުޅެބޮޑުވި މުޖުތަމައުން ބޭރަށް، އެއަށްވުރެ ތަހުޒީބު، އިލްމީރޮގުން ކުރިއަރާފައިވާ ބައެއްގެ ގާތަށް ގޮސް ކިޔަވާ މޮޅުވެގެން ކުރިން އުޅުނު މުޖުތަމައަށް އައިސް އުގަންނައިދީ ތައުލީމު ފެތުރުމުގެ ވިސްނުމާއި ފިކުރަކީ ގިނަމުޖުތަމައު ތަކުގައި ވަރަށް ހިނގާ ވިސްނުމެކެވެ. އަދި މުޅިމުޖުތަމައު ފަސާދަވެ، މަގުގެއްލިފައިވާ ތަނެއްގައި އެންމެ މީހަކު ތަފާތުގޮތަކަށް އާކަންކަން ދަސްކޮށް އުގެނެން އުޅުމަކީ މޮޔަކަމެއްކަމުގައި މުޖުތަމައުގެ މީހުން ދެކޭ ނަޒަރިއްޔާ މިއީވެސް މިފޮތުގެ މުހިންމު މަފްހޭމެކެވެ. އަދި މިފޮތުގެ އެންމެ މުހިންމު އެއް ފިލާވަޅަކީ ބަދަލުވަމުންދާ މުޖުތަމްއެއްގައި އެއިރެއްގައި އެންމެ ބާރަށް ހިނގާ އޮއިވަރުތަކާއި ގުޅޭ ނަޒަރިއްޔާތައް އެއީ ވަގުތާއި ހާލަތާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމެއްކަމެވެ. އެކަންކަން އަބަދުވެސް ބަދަލުވަމުންދާނެކަން ދެނެގަތުމުގެ މުހިންމު ކަމެވެ.



Comments